thawheedhafahu_namaadhey 🕋 ހުކުރު ދުވަހު ﷲގެ މިސްކިތްތަކަށް ޙާޟިރުވާ… — ތަޥްޙީދަށް ފަހު ނަމާދެވެ. — TG.ME

#thawheedhafahu_namaadhey

🕋 ހުކުރު ދުވަހު ﷲގެ މިސްކިތްތަކަށް ޙާޟިރުވާ މީހުން މައިގަނޑު 4 ބަޔަކަށް ބެހިގެންވެއެވެ:

1️⃣. އެންމެ ކުރިން އައިސް، އެންމެ ކުރިން ނިކުންނަ މީހުން

ހުކުރު ދުވަހު މިސްކިތަށް އެންމެ ކުރިން ވަންނަ މީހުންގެ ތެރޭގައި ހިމެނުމަކީ ވަރަށް މަތިވެރި ޘަވާބު ލިބޭ ކަމެކެވެ. އެއަށްފަހު ނަމާދު ނިމުމާއެކު އަވަހަށް ނިކުތުމަކީ މާ ބޮޑު މަލާމާތެއް އޮތް ކަމެއް ނޫނެވެ. މިއީ ވިޔަފާރިވެރިންނާ ގުޅޭ ގޮތެކެވެ. އެއީ ނަމާދު ނިމުމުން އަވަހަށް ނިކުމެ ރިޒުޤު ހޯދުމަށް މަސައްކަތް ކުރުމަށެވެ.

2️⃣. އެންމެ ކުރިން އައިސް، އެންމެ ފަހުން ނިކުންނަ މީހުން


ހުކުރު ދުވަހު އެންމެ ކުރިން މިސްކިތަށް ވަދެ، އެންމެ ފަހުން މިސްކިތުން ނިކުންނަ މީހުންނެވެ. އެއީ ތަޤުވާވެރިންނާއި، އަޅުވެރިންނާއި، ޞާލިޙު މީހުންނެވެ. މިއީ ވަރަށް މަދު ބަޔެކެވެ. ﷲ އަޅަމެން އެންމެންނަކީ މިފަދަ މީހުންގެ ތެރެއިންވާ ބަޔަކު ކަމުގައި ލައްވާށިއެވެ!

3️⃣. އެންމެ ފަހުން އައިސް، އެންމެ ފަހުން ނިކުންނަ މީހުން

މިއީ މިސްކިތަށް އެންމެ ފަހުން ވަންނަ މީހުންނެވެ. މާނައަކީ، މަލާއިކަތް ބޭކަލުން މިސްކިތަށް ވަންނަ މީހުންގެ ނަންތައް ލިޔުއްވުން ހުއްޓަވާލައްވައި، ޚުޠުބާ ނިމެން ކައިރިވެފައި ވަނިކޮށް އަންނަ މީހުންނެވެ. މިއީ މަލާމާތް ލިބެންޖެހޭ ކަމެކެވެ. ބައެއް ފަހަރު މަޖުބޫރު ސަބަބަކާ ހުރެ މިހެން ވެދާނެއެވެ. ނަމަވެސް، މި މީހުން ނަމާދަށްފަހު ޛިކުރު ކުރުމުގައި ގިނަ ވަގުތު ހޭދަކޮށް، އެންމެ ފަހުން ނިކުންނަ މީހުންގެ ތެރޭގައި ހިމެނިގެން އެކަން ފޫބައްދައެވެ.

4️⃣. އެންމެ ފަހުން އައިސް، އެންމެ ކުރިން ނިކުންނަ މީހުން

މިއީ އެންމެ ދަށް ފަންތީގެ މީހުންނެވެ. މުޅި ޚުޠުބާ ގެއްލި، އިމާމާާއިއެކު ރަކުޢަތެއް ލިބިގަތުމަށްޓަކައި އެންމެ ފަހު ވަގުތު އަންނަ މުސްލިމެވެ. އަދި ނަމާދު ނިމުމާއެކު އަވަހަށް ނިކުމެވޭނެ ގޮތަށް މިސްކިތުގެ އެންމެ ފަހު ސަފުތަކުގައި މަޑުކުރާ މީހުންނެވެ. މިފަދަ ޙާލަތަކުން ސަލާމަތްކޮށްދެއްވުން އެދި ﷲގެ ޙަޟުރަތުން ދަންނަވަމެވެ.

[ އިޤްރަޢް ]

Join:-https://t.me/Namaadh
June 12, 2026 202