ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
❞ ހަމަކަށަވަރުން މުއުމިނު އަޅާ، ދުނިޔޭގެ ޙަޔާތުން ވަކިވެ، އުޚުރަވީ ޙަޔާތާ އޭނާ ކުރިމަތިލާ ހިނދުގައި، އޭނާގެ ގާތަށް، އުޑުން މަލާއިކަތުން ފައިބާވަޑައިގަންނަވާނެއެވެ. އެ މަލާއިކަތުންގެ މޫނުފުޅުތައް އިރު ފަދައިން އަލިވެގެންވާނެއެވެ. އެ މަލާއިކަތުންގެ އަތްޕުޅުގައި ސުވަރުގޭގެ ކަފުންތަކުގެ ތެރެއިން ކަފުނެއް ވާނެއެވެ. އަދި ސުވަރުގޭގެ މީރުވަސްދުވާ ހުވަނދާއި އަތަރު، އެމަލާއިކަތުންގެ އަތްޕުޅުގައި ވާނެއެވެ. އޭނާގެ ލޮލުކޮޅަށް ފެންނަ ހިސާބަށް މަލާއިކަތުން އިށީނދެވަޑައިގެން ތިއްބަވާނެއެވެ. ދެން މަލަކުލްމައުތު عليه السلام ވަޑައިގެން، އެ މީހާގެ ބޮލުގެ ކައިރީގައި އިށީނދެވަޑައިގަންނަވާނެއެވެ. ފަހެ، ވިދާޅުވާނެއެވެ.
އޭ ރަނގަޅު ހިތްހަމަޖެހިގެންވާ ނަފްސެވެ ! ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށްޓަކައި ނުކުންނާށެވެ.❝
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
ފެން އަޅާފައިވާ ކަންވާރެއްގެ ތުމުން ފެން ތިއްކެއް ވެއްޓޭފަދަ ގޮތަކަށް އެ ފުރާނަ ހަށިގަނޑުގެ ތެރެއިން ނުކުންނާނެއެވެ.
ފަހެ، އެކަލޭގެފާނު (އެބަހީ: މަލަކުލްމައުތުގެފާނު) އެފުރާނަ ހިއްޕަވާނެއެވެ. އެހެން ރިވާޔަތެއްގައި ވެއެވެ. އޭނާގެ ފުރާނަ ނެރުމުން، އުޑާއި ބިމާ ދެމެދުވާ އެންމެހާ މަލާއިކަތުން، އޭނާއަށްޓަކައި ދުޢާ ކުރައްވާނެއެވެ. އަދި އުޑުގައިވާ ކޮންމެ މަލާއިކަތެއްވެސް މެއެވެ. އަދި އުޑުގެ ދޮރުތައް އެމީހަކަށް ހުޅުއްވޭނެއެވެ. އެބޭކަލުންގެ އަރިހުން އެ ފުރާނަ މައްޗަށް އެރުއްވުމަށް އެދި، ﷲގެ ޙަޟްރަތުގައި ދުޢާ ނުދަންނަވާ، އެއްވެސް ދޮރުކޮޅެއްގެ މަލާއިކަތެއް ނުވާނެއެވެ. މަލަކުލްމައުތު ފުރާނަ ހިއްޕެވުމަށް ފަހު، އެސްފިޔަޖަހާލާހާ ހިނދުކޮޅަކަށްވެސް އެކަލޭގެފާނުގެ އަތްޕުޅުގައި އެ ފުރާނަ ނުބާއްވަވާ، (ސުވަރުގެއިން ގެންނެވި) ކަފުނަށް އެ ފުރާނަ ލައްވާނެއެވެ. ދެން އެއަށް ފަހު އެ ފުރާނައިގައި (ސުވަރުގެއިން ގެންނެވި) ހުވަނދުން ހުވަނދު ލައްވާނެއެވެ. އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ.















