❞ ކައިވެނި ކުރުމަށް އެދޭ ހުސްހަރިބައި ފިރިހެނަކާއިމެދު، އެކަލޭގެފާނު (އެބަހީ: އިބްނު ތައިމިއްޔާ) رحمه الله تعالى އާއި ސުވާލު ވެވުނެވެ. އެހެނަސް އެފިރިހެނާ ބިރުގަންނަނީ އޭނާއަށް (ތަނަވަސްކަމުގައި) ޤާބިލުކަން ނެތި އަންހެނެއްގެ ޒިންމާ އުފުލުމާއި މެދުގައެވެ. ކައިވެނު ކުރުމަށް އޭނާ ގިނަގުނަކޮށް އެދި އެދި ހުރި ހިނދުގައި ވެސް، އޭނާ ވަނީ އަމިއްލަ ނަފުސަށް ލާބައެއް ގޮތުގައި ވާ އެއްވެސް ކަމެއްގައި މީހެއްގެ ފުށުން އެއްވެސް އެއްޗަކަށް (އެބަހީ: ދަރަންޏަކަށް) ނުއެދުމަށް ﷲ ޙަޟުރަތުގައި (ހުވައިކޮށް) ޢަހުދެއް ވެފައެވެ. ކަންތައް މިހެން ހުރި ހިނދު، ކައިވެނި ނުކޮށް ހުރުމުގެ ސަބަބުން މިމީހާ ފާފަވެރި ވާނެ ތޯއެވެ؟ ނުވަތަ ނޫން ތޯ އެވެ؟
އެއަށް ޖަވާބުގައި ވިދާޅުވިއެވެ:
އަޢްޞާޙީޙު ގައި ނަބިއްޔު ﷺ އަރިހުން ޘާބިތުވެފައިވާ ގޮތުގައި އެކަލޭގެފާނު ޙަދީޘު ކުރެއްވިޔޭ:
«يا معشر الشباب من استطاع منكم الباءة فليتزوج ; فإنه أغض للبصر وأحصن للفرج . ومن لم يستطع فعليه بالصوم ; فإنه له وجاء» ((އޭ ޒުވާނުންނެވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމަށް ކުޅަދާނަވާ މީހުން ފަހެ ކައިވެނި ކުރާހުށިކަމެވެ. އެއީ ލޮލަށް ރައްކާތެރިކަން ބޮޑުވެފައި، ޖިންސީ ގުނަވަންވެސް އެންމެ ރައްކާތެރިކަން ބޮޑު ގޮތެވެ. އަދި މީހަކާ އިނުމަށް ކުޅަދާނަކަން ލިބިފައިނުވާ މީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ނުބައިކަންތައްތަކުން ދުރުކޮށްދޭ އައްޑަނައެކެވެ.))
(މިޙަދީޘުގައި) ”ކައިވެނި ކުރުމަށް ކުޅަދާނަވާ މީހުންނޭ“ (އޮތް ބަސްފުޅުގެ) މުރާދަކީ — އެއީ ޚަރަދު ކުރުމުގެ ކުދާނަކަމެވެ. އެއްދާން ކުރުމުގެ ކުޅަދާނަކަމުގެ ވާހަކައެއް ނޫނެވެ. އެހެނީ މިޙަދީޘުން މުޚާޠަބު މިވެވެނީ އެއްދާން ކުރުމުގެ ކުދާނަކަން ހުރި މީހުންނަށެވެ. މިސަބަބަށްޓަކައި އެކަމަށް (ޚަރަދު ކުރުމަށް) ޤާބިލު ނޫން މީހުންނަށް ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ. އެއީ އެޔަކީ (ޙަރާމް ފާޙިޝުން) އޭނާ ދުރުކޮށްދޭ އައްޑަނައެއް ކަމުންނެވެ.
އެމީހެއް ކިބައިގައި މުދާވެރިކަން ނެތް މީހާ: ދަރަންޏެއް ނަގައި ކައިވެނި ކުރުން އެދެވިގެން ވޭ ހެއްޔެވެ؟
މި ކަންތަކުގައި ޢިމާމު ޢަޙްމަދުގެ މަޛުހަބު އަދި އެނޫން މަޛުހަބުތަކުގައި ޒުވާބު އެބައޮތެވެ. ﷲ تعالى ވަޙީ ކުރައްވާފައި ވެއެވެ:
﴿وَلۡيَسۡتَعۡفِفِ ٱلَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغۡنِيَهُمُ ٱللَّهُ مِن فَضۡلِهِۦۗ﴾ ((އަދި ކާވެންޏެއްކުރެވޭވަރުގެ ތަނަވަސްކަން ނެތްމީހުން، ﷲ ގެ فضل ވަންތަވެރިކަމުގެތެރެއިން އެކަލާނގެ އެމީހުންނަށް ދެއްވައި ތަނަވަސްކުރައްވާން ދެން އެމީހުން ހަޑިކަންތައް ނުކޮށް عفّة ތެރިވާހުށިކަމެވެ.))
ދެންފަހެ "ޞާލިޙުވެރި މީހާ" އަކީ، އޭނާގެ މައްޗަށް ވާ ﷲ ގެ ޙައްޤުތަކާއި އަދި ﷲ ގެ އަޅުތަކުންގެ ޙައްޤުތައް އަދައުކުރާ މީހާއެވެ. ❝
— ޝެއިޚުލްއިސްލާމް އިބްނު ތައިމިއްޔާ ( مجموع الفتاوى 32/6)
~ ގަލަންދާނު











